ދިރާގު ހެޑް އޮފީސް ކައިރީ ހަމަނުޖެހުން ހިންގި މީހަކަށް ނަސޭހަތް ދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު މެންދުރު 12:20 ހާއިރު ދިރާގު ހެޑް އޮފީހަށް މާސްކު ނާޅާ ގަދަކަމުން ވަންނަން މަސައްކަތް ކޮށް، އެތަނުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި މިކަން ކޮށްފައި ވަނީ 28 އަހަރުގެ ދިވެހި އަންހެނަކު ފުލުހުންހެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ނަސޭހަތްތެރި ވުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ދިރާގަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ދިރާގުން 10 ޖީބީ ޑޭޓާ ނެގުމަށްފަހު 24 ގަޑިއިރު ނުވަނީސް، އެ ޑޭޓާ ހުސްވި ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ދިރާގުން ބުނީ، މިއަދު ހިނގާފައިވާ ހާދިސާގައި އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ގުޅާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏަށް އެނގިފައިވާ ގޮތުގައި ފުލުހުން ރޫޓީން ޕެޓްރޯލް ކުރުމުގެ ތެރެގައި މާސްކު ނާޅާ ހުރިކަން ފާހަގަ ވެގެން އައިސް އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންގެ ޝަކުވާތައް އަޑުއަހާ، އެކަމަށް ހައްލު ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ހުރިހާ ކަސްޓަމަރުން ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މާސްކު އަޅައިގެން ގައިދުރު ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.