ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމަށް އިވެލުއޭޓް ކުރި އިރު އެކި ފަރާތްތަކަށް ގުޅާ، އެފަރާތެއް ތާއިދު ކުރަނީ ކޮން ފަރާތަކަށްކަން ބަލާފައި ނުވާނެ ކަމަށާއި، ފްލެޓް ދީފައި ވަނީ އިންސާފުވެރި ކަމާއެކު ކަމަށް މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްދޭ ހަތަރު ކެޓެގަރީއެއްގެ ލިސްޓު އާންމު ކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ދިޔައިރު، ވަކި މީހަކަށް ތާއިދު ކުރަންތޯ، އަދި ވަކި މީހަކަށް ވޯޓުލަންތޯ ވެސް އަހާފައިވާ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސަރުކާރުން ފްލެޓް ދިނުމަށް އިވެލުއޭޓް ކުރި އިރު އެކި ފަރާތްތަކަށް ގުޅާ، އެފަރާތެއް ތާއިދު ކުރަނީ ކޮން ފަރާތަކަށްކަން ބަލާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަން އޭނާއަށް ޔަގީން ކަށަވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ފްލެޓްތައް ލިބޭ މީހުންގެ ލިސްޓުގައި ތިބި މީހުންގެ ހާލު ބެލުމަށްފަހު އިތުރު ހަބަރެއް ނުވާތީ، ފްލެޓަށް ވަނދެވޭނެތޯ ނުވަތަ ނޫންތޯ ޝައްކު ކުރެވޭނެ ޖާގައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ މިކަމުގައި ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތައް ނިމި، ރައްޔިތުންނަށް އެ ފްލެޓްތަކަށް ވަނދެވޭނެ ކަމަށް އެންމެ ފަހުން ލަފާކޮށްފައިވާ ތާރީހަކީ އަންނަ އޭޕްރީލް މަހެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އެ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފްލެޓް ކޮމިޓީން ބުނީ، ލިސްޓު އިވެލުއޭޓް ކުރިއިރު ވަކި މީހަކަށް ފްލެޓް ލިބުނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ބަލާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ވާނަމަ ފްލެޓް ކޮމިޓީގެ ފައިނަލް ރިޕޯޓުން އެނގޭނެ ކަމަށާއި، އެ ރިޕޯޓް ނިމި، އާންމު ކުރުމުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނުވަތަ ތަހުގީގެއް ހިންގުމާމެދު ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޓީން ބުނެއެވެ.