ހިޔާ މަޝްރޫއުގައި މާލެ ރައްވެހިންގެ ކެޓަގަރީއިން ފްލެޓް ދިނުމަށް ނިންމާފައިވާ އަދަދު 1772 އަށް އިތުރުކޮށްފިއެވެ.

މިހާރު ފްލެޓް ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކަރމުންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފްލެޓްގެ ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފްލެޓްތަކުގެ އަދަދަށް ބަދަލު ގެނެސް މިހާރު މާލެ ރަށްވެހިންގެ ކެޓަގަރީއަށް 1772 ފްލެތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ފްލެޓްތައް ކަނޑައަލާފައިވާ ގޮތަށް ބަލާއިރު މާލެ ރަށްވެހިންގެ ކެޓަގަރީން ދިނުމަށް ނިންމާފައި ވަނީ 1000 ފްލެޓެވެ.

ހިޔާ މަޝްރޫއު ފްލެޓް ކެޓަގަރީތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން މާލެ ރަށްވެހިން ކެޓަގަރީން ފްލެޓް އިތުރު ކުރި އިރު، 5 ކެޓަގަރީއަކުން ވަނީ ފްލެޓްތައް މަދުކޮށްފައެވެ. އެ ގޮތުން މަދުކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ހާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީންނާއި 18 އަހަރާއި 40 އަހަރާ މެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ އިތުރުން ގުޅީފަޅި / ގާކޮށި އަރަބިއްޔާއިން ފްލެތް ނުލިބުނު ފަރާތްތަކުގެ ކެޓަގަރީއެވެ.

ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީން ކުރިން ދިނުމަށް ނިންމާފައި ވަނީ 475 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 233 ފްލެޓަށް އަދަދު މަދުކޮށްފައެވެ. ޓީޗަރުންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 625 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 523 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 500 ފްލެޓަށް ވީއިރު މިހާރު ވަނީ 423 ފްލެޓަށް އަދަދު މަދުކޮށްފައެވެ.

މީގެ އިތުރުން 18 އަހަރާއި 40 އަހަރާ ދމެެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެތަގަރިން ކުރިން ދޭން ނިންމާފައި ވަނީ 1000 ފްލެޓް، ނަމަވެސް މިހާރު ވަނީ 805 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އަދި ގުޅީފަޅު ނުވަތަ ގާކޮށި އަރަބިއްޔާއިން ފްލެތް ނުލިބުނު ފަރާތްތަކަށް ކުރިން ދޭން ނިންމާފައި ވަނި 300 ފްލެޓެވެ. ނަމަވެސް މިހާރު މި ކެޓަގަރީން ވަނީ 120 ފްލެޓަށް އަދަދު މަދުކޮށްފައެވެ.