ހިޔާ މަޝްރޫއުގެ ފްލެޓަށް އެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް ދަފްތަރު ކެޓެގަރީއިން ފުލެޓު އެވޯޑްކޮށްފައިވާ ކަމަށް ފްލެޓް ކޮމެޓީން ބުނެފިއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ފްލެޓް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަރާތުން ބުނީ، ފޯމު ހުށަހެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް ދަފްތަރު ކެޓެގަރީން ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ ދަފްތަރު ކެޓަގަރީ އިއުލާން ކުރި އިރު އޮންނަނީ ދަފްތަރުގައި ރަޖިސްޓްރީ ވެފައި އޮންނަ މުއްދަތަށް މާކްސް ދޭ ގޮތަށް ނަމަވެސް ފަހުން އެ އިއުލާނަށް ބަދަލެއް ގެނެސް ދަފްތަރުގެ ވަގުތީ ލިޔުމެއް ހުށަހެޅުމަށް ފަހު އެމީހާ ދެމީހެއްގެ ހެކިބަސް ހޯދާ ގޮތަށް ކަމަށް ފްލެޓް ކޮމިޓީން ބުނެއެވެ. އެހެންކަމުން ދަފްތަރުގައި 20 އަހަރު ރަޖިސްޓްރީ ވެފަިއ ހުރި ފަރާތްތަކަށް ފްލެޓް ނުލިބި ވަގުތީ ގޮތުން ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ފްލެޓް ކަށަވަރުވެފަިއވާ ކަމަށް އެ ކޮމިޓިން ބުނެއެވެ.
ފްލެޓް ކޮމިޓީން މިއަދު ވަނީ ހިޔާ މަޝްރީއުގެ 4 ކެތަގަރިއެއްގެ ވަގުތީ ލިސްޓު އާންމެުކޮށްފައެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ ކޮމިޓީން ދިރާސާކޮށް ވަގުތީ ލިސްޓު އާންމުކޮށފައިވާ 4 ކެޓަގަރީއަކީ H4, H5, H8 އަދި H10 އެވެ.
H4 ކެޓަގަރީ އަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެވެ. އަދި H5 ކެޓަގަރީގެ ފްލެޓްތައް ޓީޗަރުންނަށް ހާއްސަ ކޮށްފައިވާއިރު، H8 ކެޓަގަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ މާލޭ ރަށްވެހިންނަށެވެ. އަދި H10 ކެޓަގަރީގެ ފްލެޓް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށެވެ.