ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރުކުރެވިފައި ނުވާތީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިންރަނގަޅުވެފައިވާ މީހުން ބައެއް ކަންކަމުން އިސްތިސްނާވާނެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް، އިސްތިސްނާތައް ހިނގާނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އިސްތިސްނާ ވާ ކަންކަން:

1. ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓް ކުރުން:

  • ވަޒީފާއަށް ނުވަތަ މަސައްކަތަށް ނިކުތުމުގެ ބޭނުމުގައި ޓެސްޓް ކުރުން.
  • ކޯވިޑް-19 ގެ އަލާމާތެއް ނެތް ނަމަ، ކޯވިޑް-19 އަށް ޕޮޒިޓިވްފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ޓެސްޓްކުރުން.
  • ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސާވައިލެންސްގެ ތެރެއިން ޓެސްޓް ކުރުން

2. ކަރަންޓީނު ކުރުން:

  • ކޯވިޑް-19 ގެ އަލާމާތެއް ނެތް ނަމަ، ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓެއް ކަމުގައިވުމުން ކަރަންޓީނު ކުރުން.
  • ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނު ކުރުން.
  • ކޯވިޑް-19 އާ ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި ކަރަންޓީނުގައިހުރުން.

3. އައިސޮލޭޓް ކުރުން:

  • އެހެން އެއްވެސް ކަމަކާ ގުޅިގެން ޓެސްޓްކޮށް ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އައިސޮލޭޓް ކުރުން / އެކަހެރިކުރުން.

އިއްޔެ ވަނީ 109 މީހުން އެބަލިން ރަނގަޅުވެފައެވެ. އަދި މުޅިއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 4222 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި 6779 މީހުންގެ ތެރެއިން 24 މީހަކު ވަނީ ނިޔާވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2531 މީހެކެވެ. އޭގެ ތެރެއިން 162 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1457 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.