ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އުމުރުން 27 އަހަރުގެ އައިމަން އަހުމަދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

އައިމަން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ އޮގަސްޓް 20 ވަނަ ދުވަހުގެ ފުލުހުންގެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ލޮޓެއްގެ އެޕާޓްމަންޓަކާއި ހެންވޭރު ގެއެއް ބަލައިފާސްކޮށްފައިވެއެވެެ.

މަސްތުވާތަކެތި ފެނިފައިވަނީ މާލެއިން ބަލައިފާސްކުރި ގެއިންނެވެ. އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނީ 1.16 ކިލޯގްރާމެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އައިމަންއަކީ 17 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.

އެ މައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.