ސަރުކާރުން ހަރަދުތައް ފޫބައްދަން ކުރާ މަސައްކަތަކީ ރައްޔިތުން ޖޫރިމަނާކޮށް ފައިސާ ނެގުން ކަމަށާއި އެކަން އެގޮތަށް ނުކޮށް އިސްތިއުފާ ދިނުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޝުޖާއު ވިދާޅުވީ، މިދާ ވަރުން ދަންޏާ މި ސަރުކާރު ދެން ނުހިނގާނެ ކަމަށާއި ދައުލަަތަށް އާމްދަނީ ހޯދާނެ ގޮތް ނޭނގޭ ކަމަށް ވަނީ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން ވީ ކަމަށެވެ. ދައުލަތުގެ ހަރަދުތައް ފޫބައްދަން ރައްޔިތުން ޖޫރިމަނާ ނުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މިރެއިން ފެށިގެން ރޭގަނޑު 8 ގެ ފަހުން މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ޖޫރިމަނާ ކުރަން އެޗްއީއޯސީން ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން ސުޖާއު ވިދާޅުވީ، މި ސަރުކާރުން އުޅެނީ ރައްޔިތުން ގޭ ބަންދުކުރުމަށް ފަހު ރާއްޖެ ވިއްކާލަން ކަމަށެވެ. މިހާރު ގައުމު އޮތް ހާލަތުން ހަރަދު ފޫބެއްދުމަށް ރައްޔިތުން އަތުން ފައިސާ ނެގުން ނޫން ގޮތެއް މި ސަރުކާރަށް ނުފެނުމަކީ އަޖައިބުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމު ހިންގަން ނޭނގޭ ނަމަ އެކަން ކުރަން އެނގޭ ބަޔަކަށް ހަވާލުކުރުމަށް ފަހު ފަހަތަށް ޖެހުމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މި ސަރުކާރާއި 19 ވަނަ މަޖިލިސް ފެއިލް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ދަރުބާރުގޭގައި އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ރޭގަނޑު 8 އިން ފަތިހު 5 ޖެހުމާ ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި އެ އެންގުމަށް އަލަމު ނުކުރާ ފަރާތްތަކަށް ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ވެސް ވަނީ ނިންމާފައެވެ.