ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 756 ފުޅި ބަނގުރަލާ އެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތު ތަކަކާ ގުޅިގެން މި އޮގަސްޓް މަހުގެ 17، 18 އަދި 20 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މާލޭގެ ދެ ގެ އަކާއި މައްސަލަތަކާ ގުޅުންހުރި މީހުން ތިބި ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ އޮގަސްޓް 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު 256 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޮގަސްޓް 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލޭގެ ރެސްޓޯރަންޓެއްގައި ތިބި 19 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައާ ގުޅިގެން އެ ދެ މީހުންވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އޮގަސްޓް 20 ވަނަ ދުވަހު ދެ އޮޕަރޭޝަނެއް ހިންގާފައިވާއިރު، އޭގެތެރެއިން ފުރަތަމަ އޮޕަރޭޝަނުގައި ގަލޮޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 45 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޮގަސްޓް 20 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަނުގައި، ބޮޑުތަކުރުފާނު މަގު 2 ނަމްބަރު ކުނިކޮއްޓާދިމާ ތޮށިމަތިން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި. އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ސެލޯފިންކޮޅާއި، އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.