ގއ. ވިލިނގިލީގައި ކަރަންޓީނުވެ ހުރި ޒުވާނަކު، ކަރަންޓީނު އުސޫލުތަކާ ހިލާފުވެގެން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެރަށުން ހައްޔަރު ކުރީ 24 އަހަރުގެ ފިރހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ކަރަންޓީނު ކޮށްފައި ހުރިތަނުން ކަރަންޓީނު އުސޫލާ ހިލާފަށް ބޭރަށް ނިކުމެ، ރަށުތެރޭގައި އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. މެޖިސްޓްރޭޓް ކޯޓަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކަރަންޓީނު އުސޫލާ ހިލާފުވެގެން މީހަކު ހައްޔަރުކޮށްފައި ވާއިރު، ރާއްޖޭގެ 21 ރަށެއްގައި ފުރަބަންދު ކަަރންޓީނުގައި ތިބި މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މާލް ސަރަހައްދު ފިޔަވައި އެކްޓިވް ކޭސްތައް އުޅޭ ރަށްތަކެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 6564 މީހުންގެ ތެރެއިން 4012 މީހުން ރަނގަޅުވެފައިވާއިރު، 26 މީހަކު ވަނީ ނިޔާވެފައެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިބަލީގައި 26 މީހުން ނިޔާވެފައިވާއިރު، އެއީ 14 ފިރިހެނުންނާއި 12 އަންހެނުންނެވެ. މި ބަލީގައި ރާއްޖެއިން ނިޔާވީ 20 ދިވެހިންނާއި 6 ބިދޭސީންނެވެ. ބިދޭސީންހެ ތެރެއިން ނިޔާވީ ހުސް ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނުންނެވެ.