ކ އަތޮޅުގައި ހިންގާ ސިފައިންގެ ތަމްރީނު މަރުކަޒު ކަމަށްވާ ގިރިފުށީން ޖުމްލަ 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ ގިރިފުށިން މިއަދު 26 މީހަކު ޕޮޒިޓިވްވި ކަމަށާއި، އޭގެ ކުރިން ދެ ފަހަރެއްގެ މަތިން 9 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ޖުމްލަ އެރަސުން 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.
މިކަމާ ގުޅިގެން ގިރިފުށީފައި ހިންގަމުންދާ ތަމްތީނުތައް ވަނީ މަޑުޖައްސާލައިފައެވެ.
ސިފައިންނަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރުމުގައި އެންމެ އިސްކޮސް ހަރަކާތްތެރިވާ އެއް ބައެކެވެ. އެގޮތުން ލޮކްޑައުންގައި އާންމު ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ސިފައިން އެހީތެރިވެ ދީފައި ވާއިރު، ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެނެސްދިނުމާއި އައިސޮލޭޝަން ފެސިލިޓީތައް ވެސް ވަނީ ބަލަހައްޓާފައެވެ. މިހާރުވެސް ސިފައިން ދަނީ މިކަން ކަމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލި ޖެހިފައި ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ. ނަމަވެސް އެއީ ކޮން މުއައްސަސާއެއްގެ ފަރާތުން ޕޮޒިޓިވްވާ ފްރޮންޓްލައިން ވޯކާސްކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ. ހާއްސަކޮށް ސިފައިންގެ ތެރެއިން ޕޮޒިޓިވް ވާ އަދަދުތައް ހާމައެއް ނުކުރެއެވެ.
މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 6564 މީހުންގެ ތެރެއިން 4012 މީހުން ރަނގަޅުވެފައިވާއިރު، 26 މީހަކު ވަނީ ނިޔާވެފައެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 25 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 5 ބިދޭސީންނެވެ.