ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ އަށް ގެނައުން މަނާކޮށްފައި އޮތް މުއްދަތު އިތުރު ނުކުރާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ އަށް ގެނައުން މަނާކޮށްފައި އޮތް މުއްދަތު އިތުރުކުރި ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އަދި އެކަމުގައި އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ގޮތް ނިންމުމުން އެކަން އާންމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމް މަނާ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްއިން އެއްވެސް ކަހަލަ ތަމްރީން ލިބިފައި ނުވާ އެއްވެސް މަސައްކަތު މީހަކު ރާއްޖެ އެތެރެއެއް ނުކުރާނެ ކަމަށެވެ.

ބަންގުލަދޭޝުން ރާއްޖެއަށް މަސައްކަތު މީހުން ގެނައުން މަނާކޮށްފައިވަނީ، ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން އަންނަ ކޮންމެ ގައުމަކަށް ވެސް އަންސްކިލްޑް މަސައްކަތްތެރިންގެ ކޯޓާއެއް ކަނޑައެޅުމަށް ފަހުގައެވެ. އެގޮތުން އަންސްކިލްޑް މަސައްކަތްތެރިންނަށް ކޮންމެ ގައުމަކަށް ކަނޑައެޅިފައިވާ ކޯޓާއަކީ ކޮންމެ ގައުމަކަށް 150،000 މަސައްކަތްތެރިންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާއެކު މިހާރުވެސް، ރާއްޖޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 150،000 މަސައްކަތްތެރިން އެބައުޅޭ ކަމަށެވެ. އަދި އޭގެ ތެރޭގައި 50000 މީހުންނަކީ ނުގަވައިދުން އުޅޭ މީހުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.