ކ އަތޮޅުގައި ހިންގާ ސިފައިންގެ ތަމްރީނު މަރުކަޒު ކަމަށްވާ ގިރިފުށީގައި ތިބި ގިނަ އަދަދެއްގެ ސިފައިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުގައި ހިންގާ ތަމްރީނުތައް މަޑުޖައްސާލައިފިއެވެ.

ގިރިފުށިން މީގެ ކުރިން ސިފައިންގެ 4 މީހަކު ޕޮޒިޓިވް ވުމުގެ ސަބަބުން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އަދި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 27 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން ގިރިފުށީފައި ހިންގަމުންދާ ތަމްތީނުތައް މަޑުޖައްސާލައިފައި ކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ސިފައިންނަކީ ކޮވިޑްގެ ބަލިމަޑުކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރުމުގައި އެންމެ އިސްކޮސް ހަރަކާތްތެރިވާ އެއް ބައެކެވެ. އެގޮތުން ލޮކްޑައުންގައި އާންމު ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ސިފައިން އެހީތެރިވެ ދީފައި ވާއިރު، ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެނެސްދިނުމާއި އައިސޮލޭޝަން ފެސިލިޓީތައް ވެސް ވަނީ ބަލަހައްޓާފައެވެ. މިހާރުވެސް ސިފައިން ދަނީ މިކަން ކަމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލި ޖެހިފައި ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށެވެ. ނަމަވެސް އެއީ ކޮން މުއައްސަސާއެއްގެ ފަރާތުން ޕޮޒިޓިވްވާ ފްރޮންޓްލައިން ވޯކާސްކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ. ހާއްސަކޮށް ސިފައިންގެ ތެރެއިން ޕޮޒިޓިވް ވާ އަދަދުތައް ހާމައެއް ނުކުރެއެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 6370 މީހުންގެ ތެރެއިން 3915 މީހުން ރަނގަޅުވެފައިވާއިރު، 25 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2431 މީހެކެވެ. އޭގެ ތެރެއިން 161 މީހަކު ހޮސްޕިޓަލުގައި ވާއިރު، 1355 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 24 ރަށެއްގައެވެ. އަދި 10 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 2 ފަތުރުވެރިންނާއި 13 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.