އުމުރުން ދެ މަހުގެ ކުއްޖަކު ހިމެނޭ ގޮތަށް 3 ރަށަކުން 3 ޕޮޒިޓިވް ކޭސް ފެނިއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ފުރަބަންދު ކަރަންޓީނުގެ 14 ދުވަސް ނިންމާ، ނެގި ރިލީޒް ސާމްޕަލްތަ،ކުން އިތުރު 3 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމާށެވެ. އަދި އެ ކޭސްތައް ފެނިފައި ވަނީ އދ، ރ އަދި ކ އަތޮޅުން ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

އެޗްއީއޯސީން ބުނީ، އދ. އޮމަދޫ އިން 58 އަހަރުގެ އަންހެނަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރ. އިގުރައިދޫން 36 އަހަރުގެ އަންހެނަކު ޕޮޒިޓިވްވެފައި ވާއިރު، ކ. ގުޅުން ދެ މަހުގެ ތުއްތު ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

މި ކޭސްތަކާ ގުޅޭ އިތުރު މައުލޫމާތެއް އެޗްއީއޯސީން ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 6370 މީހުންގެ ތެރެއިން 3915 މީހުން ރަނގަޅުވެފައިވާއިރު، 25 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2431 މީހެކެވެ. އޭގެ ތެރެއިން 161 މީހަކު ހޮސްޕިޓަލުގައި ވާއިރު، 1355 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 24 ރަށެއްގައެވެ. އަދި 10 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 2 ފަތުރުވެރިންނާއި 13 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.

މި ލިސްޓަށް މިއަދު ޕޮޒިޓިވް ކޭސްތައް ފެނުނު، އދ. އޮމަދޫ، ރ. އިނގުރައިދޫ އަދި ކ. ގުޅި ވެސް އިތުރު ވާނެއެވެ.