ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 145 އަށް އެރިއިރު އޭގެތެރެއިން 123 މީހުންނަކީ ދިވެހިންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ އެކަނި ވެސް 145 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 127 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 123 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާގެ 3 މީހަކާއި ސްރީލަންކާގެ 5 މީހުން އަދި ނޭޕާލްގެ އެކަކާއި ޖާޕާންގެ އެކަކާއި ޖޯޑޭނިއަންގެ އެކަކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6370 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3915 އަށް ވަނީ އަރާފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 142 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 3 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2431 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 161 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1355 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.
މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 21 ރަށެއްގައެވެ. އަދި 10 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 2 ފަތުރުވެރިންނާއި 13 ރިސޯޓް މމުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.