އާސަންދައިގެ ދަށުން އިންޑިއާއަށް ބޭސްފަރުވާއަށް ދާ 5 ވަނަ ބެޗު ފުރައިފިއެވެ.

އާސަންދައިން ބުުނީ، އެ ކުންފުނީގެ ދަށުން ބޭސްފަރުވާއަށް ދާ ފަސްވަނަ ބެޗް ފުރަފައި ވަނީ މިއަދު ހަވީރު 16:15 ގައި ކަމަށެވެ. އަދި މި ބެޗު އިންޑިއާގެ ކޮޗިންއަށް ފުރައިފައި ވާއިރު، މި ބެޗްގެ ބަލި މީހުންގެ ފަރުވާ ހަމަޖެހިފައި ވަނީ އަމްރީތާ ހޮސްޕިޓަލުންނެވެ.

މި ބެޗްގައި އާސަންދައިގެ ހަރަދުގައި 18 ބަލިމީހުންނާއި 18 އެހީތެރިން އަދި 4 މެޑިކަލް އެސްކޯޓުން ގޮސްފައިވާ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ. ބަލިމީހުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.

މި ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދިން އެހީތެރި ކަމަށް އާސަންދަ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިއީ މި ގޮތަށް އިންޑިއާއަށް ފުރި ފަސްވަނަ ބެޗެވެ. މިބެޗްގަވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ. އިންޑިއާއިން ވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ.

އާސަންދައިގެ ދަށުން މިދިޔަ މަހު 14 ވަނަ ދުވަހު ފުރި ބެޗްގައި ދިޔަ ތިން ދިވެހިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން، އިންޑިއާގެ ހެލްތް ޕްރޮޓޮކޯލް އެއްގޮތަށް ވަކިން އައިސޮލޭޓްކޮށްފައި ކަމަށް މީގެ ކުރިން އާސަންދައިން ވަނީ ބުނެފައެވެ.

އެގޮތަށް އައިސޮލޭޓްކުރި ކަމުގައިވީ ނަމަވެސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށް ފަހު އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުންދާ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެހެނިހެން ބަލި މީހުންނަށްވެސް އިމަޖަންސީކޮށް ދޭންޖެހޭ ފަރުވާތައް ކުރިއަށް ގެންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. އާސަންދައިން ބުނީ ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ދާގޮތް ގާތުން ބަލަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުރަން އޮތް ބޯޓުންވެސް ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަލިމީހަކާއި ތިން އެހީތެރިން ކަމަށް އާސަންދައިން ބުނެފައި ވެއެވެ. އާސަންދައިން ބުނީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ބޯޓަށް އައުމުގެ ކުރިން ޕޮޒިޓިވް ވުމާ ގުޅިގެން ބޯޓަށް ނާރާ ކަމަށެވެ. އަދި 2 މީހުންގެ އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯޓުގައި ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.