މާލޭ އާޓިފިޝަލް ބީޗް ސަރަހައްދަށް އުދައަރާ، ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެެވެ.

އާޓިފިޝަލް ބީޗް ސަރަހައްދަކީ ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި އާންމުކޮށް އުދައަރާ ސަރަހައްދެކެވެ. އެ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން ލޮނުގެ އަސަރު ކިންގްސަލްމާން މިސްކިތާ ދިމާލުންނާއި އަދި މަޖީދީ މަގާ ހަމައަށް ވެސް ވަނީ ފޯރާފައެވެ. އެގޮތުން އެ ސަރަހައްދު މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

އެ ސަރަހައްދަށް އުދައަރާ، ފެންބޮޑުވެފައި ވަނީ މިއަދު ހަވީރު 4:15 ހާއިރެވެ.

އާޓިފިޝަލް ބީޗް ސަރަހައްދަށް އުދަ އަރާފައި/ ފޮޓޯ: ސޯޝަލް މީޑިއާ

މާލެއަށް އުދައަރާފައި ވާއިރު، މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކޮށް ބުނެފައި ވަނީ، ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށެވެ. ނަމަވެސް ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާޅުގެ އުސްމިން އުފުލޭނީ 1 ފޫޓާއި 3 ފޫޓަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. އަދި ވައި ޖެހޭނީ އާއްމުގޮތެއްގައި މަޑުން ކަމަށާއި، އުތުރުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.