ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެރޭ 19:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެމައްސަލާއާ ގުޅުންހުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާއާއި 18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ އޮގަސްޓް 14 ވަނަ ދުވަހުގެރޭ އޭނާގެ ގެކައިރީ ހުރި ޕާކިން ޒޯންގައި ހުއްޓާ އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެންނެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުގެ ހެނދުނު 08:55 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.