ޓޫރިޒަމް މިނިސްޓްރީގެ ފައިނޭންޝަލް ކޮންސަލްޓަންޓް އައިޝަތު ވަފާ މުހައްމަދު މަނިކު އިސްތިއުފާ ހުށަހެޅުއްވި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވަފާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވާފައި ނުވާނެ ކަމަށާއި އިސްތިއުފާއަށް ހުށަހަޅުއްވާފައިވެސް ނުވާނެ ކަމަށެވެ.

ވަފާ އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމުގެ ހަބަރު ފެތުރިފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. އޭނާ އިސްތިއުފާއަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް މިނިސްޓްރީ ތެރެއިން، ބައެއްގެ ނުފޫޒާއެކު އެ ސިޓީ ރަސްމީކޮށް ސިސްޓަމަށް ވައްދާފައި ނުވާކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ. ނަމަވެސް ވަފާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އިއްޔެވެސް އޭނާ އޮފީހަށް ވަޑައިގެންނެވި ކަމަށެވެ.

ވަފާ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރަމުން ދަނީ، ކޮންޓްރެކްޓް އުސޫލުން ފިނޭންޝަލް ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. ކޮވިޑްގެ ކަންކަމުގައި ޓޫރިޒަމްގެ ފައިސާއާ ގުޅޭ ގިނަ ކަންކަން ހިނގާފައި ވަނީ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅިގެން ވަފާ ވިދާޅުވީ، ފައިނޭންޝަލް ކޮންސަލްޓަންޓެއްގެ މަގާމުގައި ހުންނެވުމަށް ފަހު ފައިނޭންޝަލް އެގްރެކްޓިވް އަކަށް އޭނާ ބަދަލުވީ މޭ 1، 2020 ގައި ކަމަށާއި، އޭރު ކޮވިޑާ ގުޅިގެން ހިންގި ފައިސާގެ ގިނަ މުއާމަލާތްތައް ހުރީ ނިންމާފައި ކަމަށެވެ. އެހެން ކަމުން ގިނަ މުއާމަލާތްތަކަކީ އޭނާގެ ބެއްލެވުމުގެ ދަށުން ހިނގާފައި ހުރި ކަންކަން ނޫންކަމަށް ވިދާޅުވިއެވެ.

އޭނާ އިސްތިއުފާ ދެއްވުމަށް ހުށަހަޅާފައިވާ ކަމުގެ އަޑު ފެތުރިފައި ވާއިރު، ކޮވިޑާ ގުޅިގެން ހެދި ޓޫރިޒަމްގެ އޮޑިޓުގައި ވަނީ އެ މިނިސްޓްރީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ޓޫރިޒަމް އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން ޓޫރިޒަމުން ހޭދަކުރި 26 މިލިއަން ރުފިޔާގެ 99 ޕަސަންޓް ހޭދަކޮށްފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންނެވެ. އަދި ސިއްހީ އާލާތްތައް ގެނައުމުގައާއި، މެޑިކަލް ޓީމު ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީ ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެެ.

މީގެ އިތުރުން އެކަންކަން ފޮރުވުމަށްޓަކައި އެ މިނިސްޓްރީން ސައްހަ ނޫން ލިޔެކިއުން އުފައްދާފައިވާ ކަމުގެ ތުހުމަތުވެސް އެ އޮޑިޓުގައި ވަނީ ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު ގަވާއިދާ އެއްގޮތަށް އެކަންތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމުގެ ތުހުމަތު ކޮށްފައެވެ.

އަދި ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ވަނީ ދައްކައިފައެވެ.

މީގެ އިތުރުން ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެފައިވާއިރު، ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.