ދެ ފަހަރަށް ފައިސާ ކެނޑުނު ޓްރާންސެކްޝަންތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަނގަޅު ކޮށްފިއެވެ.

ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ރޭ ބީއެމްއެމް އިން ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ރޭ ދަންވަރު ބުނެފައި ވަނީ އެމައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އެގޮތުން ދެފަހަރަށް ފައިސާ ކެނޑިފައިވާ އެކައުންޓްތަކަށް އެ ފައިސާ އަލުން ޖަމާކޮށްފައި ވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ވަނީ 2 ފަހަރަށް ފައިސާ ކެނޑުނު މައްސަލައިގައި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ކާޑުން 2 ފަހަރަށް ފައިސާ ކެނޑުނު މައްސަލައިގައި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ އެކައުންޓުގެ ހިސްޓްރީ ފެންނަ ސްކްރީންޝޮޓްސްވެސް ހިއްސާ ކޮށްފައެވެ.