ކޮވިޑް-19އާ ގުޅިގެން ޑރ. ޝީނާ މޫސާ މި މަހަށް ލަފާކުރެއްވި އަދަދުތައް، މަސް ނިމެން ބާކީ 10 ދުވަސް އޮތް އިރު އެ އަދަދުތައް ފަހަނަ އަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުުރަތަމަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 2432 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި މަހުގައި ބާކީ 10 ދުވަސް ނުނިމި އޮތް އިރު، މި އަދަދަކީ ލަފާކުރުންތަކާ އަޅާ ބަލާއިރު 59 މީހުންގެ އިތުރުވުމެކެވެ.

ޑރ. ޝިނާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު އެއްކޮށް ޖުމްލަ 2373 މީހުން ކޮވިޑަށް ޕޮޒިޓިވް ވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި މަހު ކޮންމެ ދުވަހަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން ދައްވެފައި ވަނީ ތިން ދުވަހެވެ. އޭގެ ތެރެއިން އެއް ދުވަހު ވަނީ 200 އިންވެސް މައްޗަށް އަރާފައެވެ.

މި މަހު މިހާތަނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު 100 އިން ދަށްވެފައި ވަނީވެސް މަހުގެ ފުރަތަމަ ތިން ދުވަހު އެކަންޏެވެ. ވޭތުވެ ދިޔަ 24 ގަޑިއިރު ޖުމްލަ 152 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދާ އިރު، 8 މީހަކަށް ދަނީ ސީޔޫގައި ފަރުވާ ދެމުން ދެއެވެ. އޭގެ އިތުރުން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަ ދެއެވެ.

ޑރ. ޝީނާ މޫސާގެ ލަފާކުރުންތަކަށް ބަލާއިރު، މި މަހު ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މިންވަރު ދެގުނަ އިތުރު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އައީސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މަރުވާނެ ކަމަށް ލަފާކޮށްފައި ވާއިރު މި މަހު އެކަނި 9 މީހަކު ވަނީ ކޮވިޑް ޖެހި މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6225 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3788 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 144 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، ދެ މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2413 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 152 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1390 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ޖުމްލަ 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.

ޑރ. ޝީނާގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ގިނަ ގައުމު ތަކުގައި ކޮވިޑް ޖެހި މަރުވެފައި ހުރީ ރަނގަޅު ފަރުވާ ނުދެވި ހެލްތް ސިސްޓަމްގައި އެވަރަށް ހިދުމަތް ދޭނެ މީހުންވެސް ނެތިގެން ކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައިވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ވެ ސިސްޓަމަށް ނުކެތުގެ ބިރު ޑރ. ޝީނާގެ ވާހަކައިގައި ވަނީ ފާހަގަ ކުރެވާފައެވެ.

މިހާތަނަށް އައިރު ރާއްޖެއިން ގިނައިން ޕޮޒިޓިވް ވީ ޒުވާނުން ކަމަށް ވާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވާ ނިސްބަތް މަދު ކަމަށް ރާއްޖޭގެ ސިއްހީ ދައިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު، މިމަހުން ފެށިގެން ދުވަސްވީ މީހުންނާއި، ދައިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ބައްޔަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުން ދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.