ބީއެމްއެލްގެ ކާޑުތަކުން ދެފަހަރަށް ފައިސާ ކެނޑޭ މައްސަލަ ހައްލު ކުރަމުން ދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ޑެބިޓް ކާޑު ބޭނުންކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައި ވާކަން ބޭންކަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތަށް މެދުވެރިވާން ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާއި އަދި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ބީއެމްއެލް އިން ވަނީ މައާފަށް އެދިފައެވެ.

ކާޑުން ފައިސާ ކެނޑޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ އެކައުންޓުގެ ހިސްޓްރީ ފެންނަ ސްކީންޝޮތްތައްވެސް ހިއްސާ ކޮށްފައެވެ.