އެއްގަމު އުޅަނދު އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ހުށަހެޅުއްވި ބިލުގައި ވަނީ ދަތުރުފަތުރުގެ ގާނޫނު ހިންގަން ފެށިތާ 12 އަހަރުވަމުންދާ އިރު، އުޅަނދުތައް އިންޝުއަރެންސް ކުރެވުމުން ދިޔަ ނަމަވެސް، އެކްސިިޑެންޓްތަކުގައި އިންޝުއަރެންސް ލިބެމުން ނުދާ ކަމަށެވެ.

އަދި ރައްޔިތުންގެ އަތުން އަހަރަކު އެތައް އެތައް މިލިއަން ރުފިޔާއެއް އިންޝުއަރެންސް ކުންފުނިތަކުން ނަގަމުން ދާއިރު، އެކަމުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށްވެސް އެއްވެސް މަންފާއެއް ލިބެމުން ނުދާ ކަމަށް ނަޝީދުގެ އެ ބިލުގައި ވެއެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ލިބޭ ކަމަށާއި އެފަދަ ކަމެއް ކުރުމަށް އެ ގާނޫނުން ލާޒިމް ކޮށްފައި އޮތުމަކީ، ބަލައިގަންނަން ދަތި ކަމެއް ކަމަށްވެސް އެ ބިލުައި ވެއެވެ.

އެ ބިލުގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އިންސުއަރެންސް ނަގަން ބުނެފައި އޮންނަ މާއްދާ އުވާލުމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުންް މިއަދުގެ ޖަލްސާގައި އިއްވާފަައި ވާއިރު ބިލަށް ބަހުސްކޮށް، ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމަށްފަހު ކޮމިޓީ މަރުހަލާގައި އަންނަ ބަދަލުތަކާއެކު އަނެއްކާވެސް ބިލަށް މަޖިިލިސް ތަޅުމުގައި ވޯޓަށް އަހާނެއެވެ.