ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ 8:55 ހާއިރު ފުލުހުންނަށް ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސައިކަލުގައި ރޯކޮށްލާފައިވަނީ ފުލުސް މީހާ ދިރިއުޅެމުންދާ ގެ ކައިރީ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުއްޓާ، އެރަށު ހުޅަނގު ފަރާތު އަތިރިމައްޗަށް ސައިކަލު ގެންގޮސްގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ސައިކަލުގައި އަލިފާން ރޯކޮށްކުމުގެ ސަބަބުން އެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި އިއްޔެ ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލާއާ ގުޅުންހުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާއާއި 18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، މި އަހަރު ޖެނުއަރީ މަހު 14 ވަނަ ދުވަހު ވަނީ ގދ.ގައްދޫ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައިވެސް ރޯކޮށްލައިފައެވެ.