ރާއްޖެއަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި މައްސަލައިގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމް އާއި ބިޑް ކޮމިޓީ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

އެގްޒެކިއުޓާސްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިމެނޭތީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ހާޒިރު ކޮށްފައެވެ.

ކޮމިތީގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، މި މައްސަލައިގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހެއްދެވިކަން އެނގެން ނެތް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެންމެ ބޮޑު އިހުމާލެއް ވެފައި ވަނީ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމްއާއި ބިޑް ކޮމިޓީ ކަމަށެވެ.

ކޮމިޓީގައި ފެލިދޫ ދާއިރާ މެންބަރު އިބްރާހިމް ފަޒުލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓާ އިބްރާހިމް ފަޒީލު ވިދާޅުވީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރު ތަކަށް ދައްކަން ޖެހޭ ފައިސާ އެންމެ ފުރަތަމަ ޖަމާކުރަން މަސައްކަތް ކުރީ އަމިއްލަ މީހެއްގެ އެކައުންޓަކަަށް ކަމަށެވެ. އެ ފައިސާ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާ ކުރުމަށް ހެލްތް މިނިސްޓްރީން ވެސް މަސައްކަތް ކޮށްފައި ވާ ކަން ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވީ، ފިނޭސް މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިސާ ޖަމާކުރަން މަސައްކަތް ކުރީ އަމިއްލަ ކޮން އެކައުންޓަކަށްތޯ މެމްބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، އޮޑިޓް އޮފީހަށް ލިބުނު މައުލޫމާތު ތަކުން އެނގޭ ގޮތުގައި، ޑރ. އަލީ ތަހްމަތީ ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް ކަމަށެވެ.

އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފެންމަތި ވެފައި ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހެލްތް މިނިސްޓްރީގެ ގިނަ ބަޔަކު ގޭގައި މަޑުކުރަން އަންގަވާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިތުރުން އެގްރީމަންޓްގައި ސޮއި ކުރި ފަރާތްވެސް ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެ ވަޑައިގަތުމަށް ނިންމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ. ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.