އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ސިޓީގައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭނުމަށް ވިލިމާލޭގައި ގާއިމުކުރި ވީއައިޕީ ފެސިލިޓީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ އަމިއްލަ ބޭނުމަށްޓަކައި ބޭނުންކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝިޔާމްގެ ބައްޕަ ބަލިވެ އުޅުއްވާތީ، އޭނާ އެތަނުގައި އެއް އަހަރާއި ހަ މަސް ވަންދެން ބޭއްވިއިރު، އެކި ހިދުމަތްތައް ދެމުން އައީ ސިފައިން ލައްވައި ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ. އަދި ވީއައިޕީ ފެސިލިޓީ ބޭނުން ކުރަމުން ދިޔައީ އެތަން ބޭނުން ކުރާނޭ އުސޫލެއް ވެސް އެކަށައަޅާފައި ނެތީސް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި އިތުރަށް ވަނީ އެ އަމަލު ޝިޔާމް ހިންގާފައިވާކަމަށް ތަހްގީގަށް ސާބިތުވެފައިވާއިރު ވެސް އެ އަމަލުގައި ކޮރަޕްޝަން ނުހިމެނޭކަމަށް އެއޭސީސީ އިން ނިންމަވާފައިވުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލެއް ކަމަށް ފާހަގަކޮށްފައެވެ.

އެއީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޖިނާއީ ކުށުގެ އަމަލެއް ކަން ފާހަގަކޮށް އޭސީސީސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން އެ ކޮމިޝަންގެ މިހާރުގެ މެމްބަރުން ހިންގެވި ޖިނާއީ ކުށުގެ މި އަމަލު ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސިޓީގައި އެދިފައިވެއެވެ.