ހައިކޯޓްގެ އިސްފަނޑިޔާރު ކަމުގެ މަގާމުން ސުޖާއު އުސްމާން އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި ޝުޖާއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށާއި އެހެންކަމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ހިތާމައަކީ ޝަރުއީ ދާއިރާގެ މުހިންމު މަގާމުތަކެއްގައި ހުރެ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްފައިވާއިރު، ޝަރުއީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތު ވެސް ދިނުމަކާ ނުލައި ފަނޑިޔާރުކަމުގެ މަގާމުން މިއަދު ދުރަށްދާން ޖެހުނު ކަމަށް ސުޖާއު ވިދާޅުވިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެއްވެސް އަސާސެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދުވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމައްޓަކައި ޖޭއެސްސީން ނިންމި އަނިޔާވެރި ނިންމުމުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާއަކީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހު 19 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ފަނޑިޔާރެއްގެ ގޮތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރަމުން އައިސްފައިވާ ފަނޑިޔާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުޖާއު މިއަދު އިސްތިއުފާ ދެއްވާފައިވާ އިރު، އޭނާއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލައި އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވަނީ މި މަހު 12 ވަނަ ދުވަހުއެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެ މައްސަލަ މިހާރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރައްވައިފައެވެ.

އޭނާއާ ގުލޭ ގޮތުން ބަލަމުން އަންނަ ދެ މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައަކާއި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައި ވާ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެ ކަމުގެ މަޝްވަރާ ކޮށްފައި ވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގެ ތަހުގީގު ނިމުމުން ޖަވާބުދާރީވާން ހަތް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޝުޖާއުއަށް ދީފައިވެއެވެ. ފަނޑިޔާރެއްގެ ސުލޫކާ ހިލާފު ގިނަ ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ ޝުޖާއު ވަގުތީ ގޮތުން މަގާމުން ދުރުކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ. އެއީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

ޝުޖާއު އުސްމާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ. ޝުޖާއަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ދިނީ، ރިޔާސީ އިންތިޚާބުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.