މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 124 މީހަކު ޕޮޒިޓިވްވެ، 139 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ އެކަނި ވެސް 124 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 139 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 100 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާގެ 3 މީހަކާއި ނޭޕަލް ދެ މީހުންގެ އިތުރުން ފިލިޕިންސް މީހަކާއި ޔުކްރެއިން މީހަކު އަދި އޮސްޓްރޭލިއާގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 5909 އަށް އަރާފައެވެ. އަދި ރަނގަލހުވި މީހުންގެ އަދަދު 3488 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުްނގެ ތެރެއިން 118 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 6 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ. މިހާރު މިބަލި ޖެހިފައިވާ 2389 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 138 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1478 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 23 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 18 ރަށެއްގައެވެ. އަދި 12 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 7 ފަތުރުވެރިންނާއި 12 ރިސޯޓް މމުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ، ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ބ. ކުޑަރިކިލު، ބ. ކަމަދޫ، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ވ. ކެޔޮދޫ، ތ. މަޑިފުށި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫއެވެ.