ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކާ ގުޅޭގޮތުން ހެދި އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފެންމަތިވެފައި ވާތީ ހެލްތް މިނިސްޓްރީގެ ގިނަ ބަޔަކު ގޭގައި މަޑުކުރަން އަންގައިފިއެވެ.

މިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދެއްވާފައެވެ.

އެގޮތުން ހޫދު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިތުރުން އެގްރީމަންޓްގައި ސޮއި ކުރި ފަރާތްވެސް ގޭގައި މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ. ހޫދު އިޝާރާތް ކުރައްވާފައި ވަނީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކުރި ފަރާތަށެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވުމަށް ނިންމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

ހޫދު ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ރިޕޯޓާއި ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ހެލްތް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރަނީ އޭސީސީއާއި ފުލުުހުން ގުޅިގެން ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓް ތަހުގީގު ކުރަނީ އޭސީސީން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތް އަދި ޓޫރިޒަމްގެ އޮޑިޓްގައި ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އޮޑިޓް ރިޕޯޓުގައި، ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ. އަދި އޮޅުވާލުމުގެ ގިނަ ތުހުމަތު ތަކެެއް ކޮށްފައި ވާއިރު، ތިންލައްކައަށް ވުރެ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި މިނޫންވެސް ގިނަ އޮޅުވާލުންތަކާއި ބޮޑެތި އަދަދުތަކުން ދައުލަތަށް ލިބިފައިވާ ގެއްލުންތައް އެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.