ޓޫރިޒަމް މިނިސްޓްރީގެ ފައިނޭންޝަލް ކޮންސަލްޓަންޓް އައިޝަތު ވަފާ މުހައްމަދު މަނިކު އިސްތިއުފާ ދެއްވަފިކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނީ އޭނާ އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް، އެ މިނިސްޓްރީ ތެރެއިން، ބައެއްގެ ނުފޫޒާއެކު އެ ސިޓީ ރަސްމީކޮށް ސިސްޓަމަށް ވައްދާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ މައުލޫމާތު ހިއްސާކުރާ ވިއުގަ، ޖެމްސްގައި ވަފާގެ އިސްތިއުފާ ސިޓީ ހުށަހެޅިކަން ފެންނާކަށް ނެތެވެ. ނަމަވެސް ވަފާ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ކަން އޭނާއަށް އެނގޭ ކަމަށް ބުނެފައި ވެއެވެ.

ވަފާ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރަމުން ދަނީ، ކޮންޓްރެކްޓް އުސޫލުން ފިނޭންޝަލް ކޮންސަލްޓަންޓެއްގެ ގޮތުގައެވެ. ކޮވިޑްގެ ކަންކަމުގައި ޓޫރިޒަމްގެ ފައިސާއާ ގުޅޭ ގިނަ ކަންކަން ހިނގާފައި ވަނީ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭނާ އިސްތިއުފާ ދެއްވުމަށް މަސައްކަތް ކުރައްވައިފައި ވާއިރު، ކޮވިޑާ ގުޅިގެން ހެދި ޓޫރިޒަމްގެ އޮޑިޓުގައި ވަނީ އެ މިނިސްޓްރީގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ޓޫރިޒަމް އޮޑިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން ޓޫރިޒަމުން ހޭދަކުރި 26 މިލިއަން ރުފިޔާގެ 99 ޕަސަންޓް ހޭދަކޮށްފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުން ބޭރުންނެވެ. އަދި ސިއްހީ އާލާތްތައް ގެނައުމުގައާއި، މެޑިކަލް ޓީމު ގެނައުމުގެ އިތުރުން ކަރަންޓީން ފެސިލިޓީ ހެދުމުގައި ވެސް ކޮރަޕްޝަން އެކުލެވިގެންވާ ކަމުގެ ތުހުމަތު ކޮށްފައި ވެއެވެެ.

މީގެ އިތުރުން އެކަންކަން ފޮރުވުމަށްޓަކައި އެ މިނިސްޓްރީން ސައްހަ ނޫން ލިޔެކިއުން އުފައްދާފައިވާ ކަމުގެ ތުހުމަތުވެސް އެ އޮޑިޓުގައި ވަނީ ކޮށްފައެވެ.

ފައިނޭންޝަލް ކޮންސަލްޓަންޓް ވަފާ އިސްތިއުފާ ދެއްވާ ސަބަބު އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.