ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން މަސައްކަތުން އެކަހެރިވެވަޑައިގެންފިއެވެ.

މަސައްކަތުން އެކަހެރިވެވަޑައިގަތުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިނިސްޓަރު އަމީން ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މިނިސްޓަރު އަމީން ވިދާޅުވީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

އަމީން މިގޮތަށް ނިންމެވި އިރު، ރައީސް ވަނީ އޭސީސީ އާއި ފުލުހަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. އަދި ޓުއަރިޒމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ތަހުގީގު ކުރުމަށް އޭސީސީއަށް ވެސް ވަނީ ރައީސް އަންގަވާފައެވެ.

މި ކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މައްސަލައެއް ބަލަން ހުށަހަޅާފައިވާ އިރު އެ ރިޕޯޓުގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސލަައެއް ކަމަށް އޭސީސީން ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ގެންނަން ހަމަޖެއްސި 75 ވެންޓިލޭޓަރުތަކުގެ މައްސަލަތަކެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.