އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރު އިފްތިތާހުކޮށް ހިދުމަތްތައް ދިނުން މިއަދު ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، 6 އެނދު ހިމެނޭހެން ހުޅުވި މި ސެންޓަރުގެ 2 އެނދަކީ ވެންޓިލޭޓަރުގައިި ފަރުވާ ދޭން ޖެހޭ ބަލިމީހުންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ދެ އެނދު ކަމަށެވެ.

24 ގަޑިއިރު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މި ސެންޓަރަކީ ސްޓްރޯކް ޖެހިގެން ގެނެވޭ ބަލިމީހުންނަށް ލިބިދޭން ޖެހޭ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުގައި ސްޓްރޯކް ސެންޓަރެއް ގާއިމްކުރުން / ފޮޓޯ: އައިޖީއެމްއެޗް

މިގޮތަށް އެނދުމަތި ކުރެވޭ ބަލިމީހުންނަށް އަވަސް ފަރުވާ ދެވުމަކީ ސްޓްރޯކްގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރު ކުޑަވެ، ސްޓްރޯކްއަކަށްފަހު ނުކުޅުދުންތެރިކަމެއް އުފެއްދުމުގެ ފުރުސަތު ނިސްބަުން ދަށްވެގެންދާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުން ބުނީ، މި ސެންޓަރުގެ ސަބަބުން މިފަދަ ބަލިމީހުންގެ ހާލަތު ކުރިއަށްވުރެ ގާތުން ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ސްޓްރޯކަކަށްފަހު އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ރުޖޫއަވުމަށް ބޭނުންވާނެ ފިޒިއޮތެރަޕީ، ސްޕީޗް ތެރަޕީ ފަދަ އިތުރު ހިދުމަތްތައް ވެސް މި ސެންޓަރުން ފޯރުކޮށްދެމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައިވާ ފަދައިން އެ ހޮސްޕިޓަލުގައި މިއަދު ގާއިމް ކުރެވުނު ސްޓްރޯކް ސެންޓަރަކީ މުސްތަގުބަލުގައި އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމް ކުރުމަށް އެޅޭ ފުރަތަމަ ބިންގާ ކަމަށެވެ.