ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 60 ޕަސަންޓު މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ، ޕޮޒިޓިވްވާ މީހުންގެ ތެރެއިން 60 ޕަސަންޓު މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނައިރު، 40 ޕަސަންޓް މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ހަވާލާދީ އެޗްޕީއޭން ބުނީ، އަލާމާތްތައް ހުންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ނަމަވެސް ބަލީގެ އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުންވެސް މި ބަލި ފެތުރޭ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 5785 މީހަކަށެވެ. އޭގެ ތެރެއިން މިހާރު 3349 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ނުފެންނަ މީހުން، ޕޮޒިޓިވްވާތާ 14 ދުވަސްފަހުން އައިސޮލޭޝަން ފެސިލިޓީން ދޫކޮށްލަން ވަނީ ނިންމާފައެވެ. އަދި އަލާމާތްތައް ފެންނަ މީހެއް ނަމަ އެމީހެއްގެ ކިބައިން އަލާމާތް ނުފެނި 3 ދުވަސް ވުމުން އޭނާ ދޫކޮށްލަން ވަނީ ނިންމާފައެެވެ. މި މީހުން ދޫކޮށްލާއިރު އިތުރު ޕީސީއާރް ޓެސްޓެއް ނުހަދާނެއެވެ.
އަދި ހާލު ސީރިއަސްވާ މީހުން ހޮސްޕިޓަލުން ދޫކުރާނީ މަދުވެގެން 21 ދުވަސް ފަހުން ޓެސްޓު ކުރުމަށްފަހުއެވެ. މިގޮތަށް ނިންމާފައި ވަނީ ޑަބްލިއުއެޗްއޯ، ސީޑީސީ ފަދަ ތަންތަނުން ހަދާފައިވާ ދިރާސާތަކަށް ބިނާކޮށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހަކު މަރުވެފައިވާއިރު، މިހާރު ބަލި ޖެހިފައި ވަނީ 2414 މީހަކަށެވެ. އޭގެ ތެރެއިން 146 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1481 މީހެކެވެ.