ސްރީލަންކާގައި ގަވައިދާ ހިލާފައް އުޅެމުންދިޔަ ދިވެހި އާއިލާއެއްގެ ތިން މެންބަރުން ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ވިސާ ނެތި ސްރީލަންކާގައި ގިނަ ދުވަސްވެފައިވާ ދިވެހި އާއިލާއެއް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށާއި އެމީހުން މިވަގުތު ތިބީ ބަންދުގައިކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެފަދަ މައުލޫމާތެއް ލިބިގެން ފޮރިން މިނިސްޓްރީން އެކަން ބަލަމުންދާ ކަމަށާއި ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިންވެސް އެ ގައުމެއްގެ ގާނޫނުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރެއެވެ.

ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން އެ ގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވުމުން މީގެކުރިން ވެސް ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު ލަންކާ އިން ވަނީ 6 ދިވެއްސަކު ހައްޔަރު ކޮށްފައެވެ.

އަދި މި އެންމެންވެސް ގެންގޮސްފައިވަނީ ޕާސްޕޯޓާއި ވިސާއާ ގުޅޭ ކަންކަމުގައިކަންވެސް ވަނީ އެނގިފައެވެ.

އަދި މިދިޔަ ޖޫން މަހުވެސް ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއްގެ 5 މެންބަރުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންވެސް ހައްޔަރު ކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުން ދާތީއެވެ.