ބާޒާރުމަތީގައި ހުންނަ މ. މާފަންނުގެ އިމާރާތުގައި ހުންނަ މަޝްހޫރު ޑޯން ކެފޭ 30 އަހަރަށް ފަހު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ޑޯން ކެފޭ ބަންދުކޮށްފައި ވަނީ އެ އިމާރާތުގެ ވެރިފަރާތުގެ ބޭނުމަށް ތަން ހުސްކުރަން އަންގާފައިވާތީ ކަމަށާއި އެ ހޮޓާ ހުރިތަން ބަދަލު ކުރުމަށެވެ.
އެހެންކަމުން މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި އާ ހިދުމަތްތަކާއެކު ވަރަށް ކައިރި މުސްތަގްބަލެއްގައި ޑޯން ކެފޭ އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޑޯން ކެފޭން ބުނެއެވެ. ކެފޭ ހުޅުވާނެ ވަކި ދުވަހެއް ޑޯން ކެފޭއިން ހާމަކޮށްފައެއް ނުވެއެވެ.
ޑޯންކެފޭ އިމާރާތުގެ ވެރިފަރާތުން ވަނީ މިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު ތަން ހުސްކުރަން އަންގާ ލިޔުމެއް ދީފައެެ. އެ ލިޔުމުގައި ވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ ހޮޓާ ހުސްކުރުމަށާއި ޖުލައި 1 ގެ ކުރިން ތަނުގެ މުވައްޒަފުން ނެރެ ތަން ހުސްނުކޮށްފިނަމަ ވެރިފަރާތުން ތަން ހުސްކުރުމަށް ކުރާ މަސައްކަތުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށެވެ.
މި ކަމާ ގުޅިގެން ސިވިލް ކޯޓުގައި ޑޯންކެފޭގެ ވެރިފަރާތުން ވަނީ ދައުވާ ކޮށްފައެވެ. އެގޮތުން މި މައްސަލަ ސިވިލް ކޯޓުން ބަލައި ވަނީ ގޭގެ ވެރިފަރާތުން ޑޯން ކެފޭ ހުސްކުރަން ދިން އެންގުމަކީ ބާތިލް އެނގުމެއް ކަމަށް ބުނެފައެވެ.
އަދި ސިވިލް ކޯޓުން ޖުލައި މަހުގެ 5 ވަނަ ދުވަހު ނިންމި ހުކުމުގައި ބުނެފައި ވަނީ އެ ކެފޭ ހުސްކުރުމަށް ދީފައިވާ މުއްދަތު ޖުލައި މަހުގެ ނިޔަލަށް އިތުރު ކުރާ ކަމަށާއި އެ މުއްދަތުގެ ނިޔަލަށް ގޭގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޑޯން ކެފޭ ވަނީ ބަންދުކޮށްފައެވެ.
ޑޯން ކެފޭއަކީ ބާޒާރުމަތީގައި އުޅޭ މީހުންނާއި މާލެ ތެރެއިން ވަރަށް ގިނަ ބަޔަކު ދާ ހޮޓަލެކެވެ.