ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއާ ޕެކޭޖްތައް ފޮނުވައިފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެ ދަރިވަރުންނަށް ބޭނުންވާ ކެއާ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް ފޮރިން މިިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓްރީން ބުނީ، މިކަމަށް މަގިފަހިކުރުމަށް ފޮރިން މިނިސްޓްރީ އާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ގުޅިގެން ލަންކާގެ ފޮރިން މިނިސްޓްރީއާ ދެމެދު ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ކެއާ ޕެކޭޖު ފޮނުވުމުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ކިއުބާގައި ތިބި ދަރިވަރުުންގެ ތެރެއިން ކޮންމެ ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، މިމަސައްކަތް ހިނގަމުން ދިޔަ ގޮތް ފޮރިން މިނިސްޓަރު ޝާހިދު ވަރަށް ގާތުން ބައްލަވާފައިވާ ކަމަށެވެ.

ކެއާ ޕެކޭޖް ފޮނުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއާޒް މިނިސްޓްރީ އަދި އެމްއޭސީއެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މީގެ ކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވަނީ ކެއާ ޕެކޭޖްތައް ފޮނުވާފައެވެ.

ކިއުބާގެ މިހާރުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 3229 މީހެކެވެ. މީގެ ތެރެއިން 2547 މީހަކު ރަނގަޅުވެފައިވާއިރު 88 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. މިހާރު ކިއުބާގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 594 މީހެކެވެ.