އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ގާނޫނީ ވާޖިބު އަދާނުކުރާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާތީ، އެ ކޮމިޝަނުން އެކަން ދޮގުކޮށްފިއެވެ.

އަމިއްލަ ފަރާތަކުން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޕޯޓްކުރަމުން ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ހަބަރުތަކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮމިޝަނުން ހަދަންޖެހޭ ގަވާއިދު ހަދާފައި ނުވާކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮމިޝަނުގެ މެންބަރުން ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށެއްކޮށްފައިވާ ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނުގައި ބުނީ، އެ ގަވައިދު ކޮމިޝަނުން ހަދާފައިވާ ކަމަށެވެ. އަދި ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ނެތް ކަމަށް ބުނުމަކީ ކަނޑައެޅިގެން ހަހީގަތާ ހިލާފު ވާހަކައެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭސީސީން ބުނީ، ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމުގެ ކުރީިން އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުން ދިޔަ އިޖުރާއަތުތައް ލިޔެވިފައިވާނީ 2010، ޑިސެމްބަރު 23 ގައި ގެޒެޓްކުރެވުނު އޭސީސީގެ އާންމު ގަވާއިދުގައި ކަމަށެވެ. އަދި ޖިނާއީ އިޖުރާތުގެ ގާނޫނު ވުޖޫދުވުމަށްފަހު، އެ ގަވައިދުގެ ދަށުން ހަދަން ތަހުގީގު ކުރުމާގުޅޭ ކަންކަމުގައި ގަވާއިދު ހެދުމަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކުރީގައި ތަހުގީގުކުރުމުގެ އިޖުރާއަތްތަކާ ގުޅޭގޮތުން އަމަލު ކުރަމުންދިޔަ އޭސީސީގެގެ އާންމު ގަވައިދު އުވާލައި، މުޅިން އާ އާންމު ގަވާއިދަށް 2017، އެޕްރީލް 18 ގައި އަމަލު ކުރަން ފެށި ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ޖީނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު އެކުލަވާލައި އެންމެ ފުރަތަމަ ގެޒެޓްކުރި އިދާރާއަކީ ވެސް އޭސީސީ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އޭސީސީން ހަދަންޖެހޭ ގަވާއިދު ހަދާފައިވާކަމަށް 2017 ވަނަ އަހަރުގެ ތެރޭގައި މީޑިއާ އިން ފާހަގަކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުނީ 2017، ޖުލައި 2 ގައެވެ. އަދި އެ ގާނޫނުގެ ދަށުން އޭސީސީން ހަދަން ޖެހޭ ގަވައިދު ހަދަން ޖެހޭނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކަމަށް އެ ގާނޫނުގައި ބުނެފައުވެއެވެ. އައީ 2017، އޮކްޓޯބަރު 2 އެވެ.

އޭސީސީން ބުނާ، އެ ގަވައިދުގައި ބުނާގޮތުން އެ ގަވައިދަކީ، އެންޓިކޮރަޕްޝަން ކޮމިޝަނުންގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެކެވެ. އަދި އެ ގަވައިދުގެ ދެވަނަ ބާބުގައި، ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ، ޖިނާއީ މައްސަލަތައް ހުށަހެޅުމާއި ތަހުގީގު ކުރުމުގެ އިޖުރާއަތްތައް ބަޔާން ކޮށްފައިވެއެވެ.