މުވައްޒަފުންގެ ދަތިކަމާ ހުރެ ކަމަށް ބުނެ އައިލެންޑް އެކްސްޕާޓް ކުންފުނިން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމައިފިއެވެ.
އައިލެންޑް އެކްސްޕާޓުން ބުނީ މަސައްކަތް ދޫކޮށްލަން ނިންމާފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެގެން ކަމަށެވެ.
އެގޮތުން ލިބުނު ގެއްލުމާ އެކު ވަރަށް ގިނަަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ޖެހުނު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ދޫކޮށްލި ނަމަވެސް ސިފައިންނަށް ހާއްސަކޮށް އަޅާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަންދޭނެ ކަމަށެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމި އިރު އެތަނުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ.
ހުޅުމާލޭގައި ތަރައްގީކުރާ އެ ފްލެޓުތަކުގެ މަސައްކަތް ކުރިން ކުރި ނޫމަޑީގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އައިލެންޑް އެކްސްޕާޓަށް ސިފްކޯ އާއި ޕޮލްކޯ ފްލެޓުތައް ހަވާލުކުރީ ނޫމަޑީގެ އަތުން ނެގުމަށް ފަހެވެ.
އެ ކުންފުނީގެ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ކަމަށް ބުނެ އެމީހުން ހުޅުމާލޭގައި ތިން ފަހަރެއްގެ މަތިން މުޒާހަރާ ކޮށްފައި ވާއިރު އެންމެ ފަހުން ކުރި މުޒާހަރާގައި ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުންތައް ވަނީ ހިންގާފައެވެ.
މިހާރު އެ އެންމެނަށް ވެސް މުސާރަ ދީފައިވާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން އެނބުރި ރަށަށް ދާން ބެނުންވާ މުވައްޒަފުންގެ ކަންކަންވެސް ހަމަޖައްސަމުން ދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.