މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މާލެ މަޖީދީމަގު، ނަލަހިޔާ ކައިިރި މަގުމައްޗަށް ބިދޭސީ ފިރިހެނަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިރޭ 7:48 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ އެތަނަށް ވެއްޓިފައި ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.

މީޣެ ކުރިންވެސް މާލޭގެ މަގުމައްޗަށް މީހުން ވެއްޓުމުގެ ތަފާތު ހާދިސާތައް ހިނގާފައި ވެއެވެ. ހާއްސަކޮށް ކޮވިޑްގެ ތެރޭގައި މަގުމައްޗަށް ވެއްޓުނު މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރު ނިޔާވެފައި ވުމާއި، އިތުރު މީހަކު މަގު މައްޗަށް ވެއްޓި މަރުވެގެން އައިޖީއެމްއެޗަށް ގެންގޮސް ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވުން ފަދަ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.