ދައުލަތާއި އަމިއްލަ ފަރާތްތައް ގުޅިގެން ރިސޯޓު ތަރައްގީ ކުރަން ހެދި 7 އެއްބަސްވުމެއްގައި، ރަށް ހަދާ ނިމުމުން އެ ރަށްތައް އަމިއްލަ ޕާޓީއަށް އަގަކާ ނުލައި ލިބޭ ގޮތަށް އެގްރީމެންޓުތައް ހުރި މައްސަލައެއްގައި، ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރުގެ އިތުރުން ޓޫރިޒަމް މިނިސްޓުރީގެ ކުރީގެ ޑެޕިއުޓީ ހުސައިން ޟިރާރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ހުށަހަޅައިފިއެވެ.
އޭސީސީން ރޭ ދަންވަރު އާންމު ކުރި ބަޔާނެއްގައި ވަނީ، ބ. ތިލަދޫ، ށ. ހުރަސްފަރު، ށ. ނާއިންފަރު، ރ. ފަސްމެންދޫ، ކ. އެނބޫދޫ ފިނޮޅު، ކ. ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ. ކޮއްދިއްޕަރުފަޅު (އަމީންގިރި) ގައި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ވި އެއްބަސް ވުމުގައި "ފްޓް އޮޕްޝަން ރައިޓް" ނުވަތަ އަގަކާ ނުލައި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ލާޒިމުވާ މާއްދާއެއް ހިމަނާފައި ވާ ކަމަށެވެ.
އަދި އެއީ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ބަލައި މައްސަލަ ޕީޖީއަށް ފޮނުވި އިރު، އެ މައްސަލަ ތަހުގީގު ކޮށް އޭސީސީން ބުނެފައި ވަނީ، އެ 7 ރަށުގެ ތެރެއިން ބ. ތިލަދޫ، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އޮކްތޯބަރު 4، 2016 ގައި ފިނޭންސް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި “ޕުޓް-އޮޕްޝަން ރައިޓް” މާއްދާ ހިމަނާފައި އޮތަސް ސަރުކާރާއެކު ޖޮއިންޓް ވެންޗާގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިޚްތިޔާރު ދީފައެއް ނުވެއެވެ.
ބާކީ 6 ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5 ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއި ނުލާ ބަދަލު ކުރޭވޭނެ ގޮތަށް "ޕުޓް އޮޕްޝަން ރައިޓް" ވަނީ ހިމަނާފައެވެ.
މީގެ ތެރެއިން ބ. ތިލަދޫ ފިޔަވައި ދެން އޮތް 6 ރަށާ ގުޅޭ އެގްރީމެންޓުތަކުގައި ފިނޭންސްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކަމަށާއި އޭނާގެ މައްޗަށް ދައުވާ ކުރަނީ އެކަމާ ގުޅިގެން ކަމަށް އޭސީސީން ބުނެއެވެ.
އެ 7 ރަށުގެ ތެރޭގައި ހިމެނޭ ބ. ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ހެދި އެއްބަސްވުމުގައި ފިނޭންސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ޖިހާދަށް ފަހު ފިނޭންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެނވި އަހުމަދު މުނައްވަރެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އެ މައްސަލައާ ގުޅިގެންނެވެ.
އަދި ހަމަ އެރަށާ ގުލޭ ގޮތުން ޓޫރިޒަމާއި އަމިއްލަ ކުންފުންޏަކާ ދެމެދު ހެދި އެއްބަސް ވުމުގައި ޓޫރިޒަމުންގެ ފަރާތުން ސޮއި ކުރައްވައިފައި ވަނީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޟިރާރު ކަމަށް ވާތީ އޭނާގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީއަށް ފޮނުވީއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ އާއި ޓޫރިޒަމްގެ ތެރެއިން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ވަނީ ހިންގާފައެވެ.
އެމްޑީޕީ މީހުން ބޭނުންވެފަ އޮއްވާ އެހެން ބަޔަކަށް ދިނީމަ ޒާތީ ހަސަދަ ފިލުވުމަށް ކުރާކަމެއް.