އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި މަޖިލީހު ރައީސް މުހައްމަދު ނަޝީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އިންޒާރެއް ދެއްވައިފިއެވެ.
ރައީސް ނަޝީދުމި އިންޒާރު ދެއްވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައެވެ. އެ ގުރޫޕުގެ ޗެޓްލޮގް ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެ ސްކްރީންޝޮޓް ތަކަކީ ސައްހަ ސްކްރީންޝޮޓް ތަކެއް ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް 30 މެންބަރުން ސޮއި ކުރެއްވުމުން އެއީ އެ މެންބަރުންނާ ދިމާ ކުރަންވީ ސަބަބެއް ނޫން ކަމަށާއި އެމަނިކުފާނު ވެސް އެކަމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާ "ނުބެހުމަށް" އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޖަވާބުގައި ފައްޔާޒް ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ގައުމީ މަޖިލީސް ގްރޫޕުގައި ނުތަނަވަސްކަން އުފެދޭ ކަމަކަށް ވިޔަ ނުދިނުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށެވެ. އަދި މިއަދު މި ފެންނަނީ ރާއްޖޭގައި ޑިމޮކްރަސީއަށް ޖާގަ ލިބުމުން ދާތަން ކަމަށާއި މީ އެމްޑީޕީން ކުރި އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ސިޔާސީ ގޮތުން އެބަޔަކު އެވަގުތަކު ކުރަން ފެންނަ ކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެކަމަށް ޖާގަ އޮންނަން ވާނެ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެ ކަމަށް ވިދާޅުވެ ފައްޔާޒް ވަނީ ހެޔޮ ބަސްތައް ވިދާޅުވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެ ގުރޫޕުގައި ފައްޔާޒަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ފައްޔާޒު ބޮޑާކަން ދައްކަވައި، މީހުންނަށް ނުފޫޒު ފޯރުއްވައިގެން ކޮންޓްރެކްޓްތައް ދެއްވައިގެން، ތަރައްގީއަށް ލަސްކަން އަންނަ ކަމަށާއި، އެގޮތަށް އެކަންވުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލުމަށް ހުޅުމާލެ ދާއިރާގެ މެންްބަރު އަލީ ނިޔާޒު މެދުވެރިކޮށް ޕީޕީއެމް މެންބަރުންނަށް ގުޅުއްވަމުން ގެންދަވާ ކަމުގެ ތުހުމަތު ވެސް ރައީސް ނަޝީދު ފައްޔާޒަށް ކުރެއްވިއެވެ.
މިކަން ފައްޔާޒް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެހެން ވިދާޅުވުމަކީ ވަރަށް ބޭއިންސާފުވެރި ކަމެއް ކަމަށެވެ.