ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި އިމާރާތް ކުރުމަށް ބޭނުންވާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތަކުގެ ތެރެއިން ބައެއް ބާވަތްތަކާއި އިމާރާތް ކުރުމަށް ބޭނުންވާ ދެ ބާވަތެއް އެތެރެ ކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާ ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކޯޓާ އަާކޮށްދީފައި ވާ ކާބޯތަކެތީގެ ބާވަތްތަކަކީ ހަނޑޫ، ހަކުރު، ފުށް، ފިޔާ، ބިސް، އަލުވި އަދި މުގެވެ. ކޯޓާ އާ ކޮށްދީފައި ވާ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނުތަކަކީ ހިލައާއި ހިލަވެއްޔެވެ.

މިކަން ދިވެހި ސަރުކާރަށް އެންގީ އިއްޔެ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޯޓާ އާ ކޮށްދިނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ އިތުރަށް މިއަހަރު ކޯޓާ ދޫކޮށްފައި ވާނެ ކަމަށާއި، މިކަމުގެ ސަބަބުން ކޮވިޑް-19ގެ މިހާލަތުގައި ރާއްޖެއަށް ޒަރޫރީ ބާވަތްތައް އިމްޕޯޓް ކުރުމަށް އިތުރު ޔަގީންކަމެއް ލިބިގެން ދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ކޯޓާ އާ ކޮށްދީފައި ވާތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ޒަރޫރީ ގިނަ ބާވަތްތަކެއް ބޭރުކުރުން މަނާކޮށްފައި އޮތް ނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން މެދުނުކެނޑި ރާއްޖެއަށް އެ ބާވަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުން އިންޑިއާ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.