އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ފުރިހަމަށް އިތުބާރުކުރާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ހާމަ ކުރައްވައިފިއެވެ.
މިނިސްޓަރު ފައްޔާޒުއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް އެމްޑީޕީ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ފައްޔާޒުއަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންތަކެއް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފައްޔާޒު އަށް ތާއީދު ކުރައްވާ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ފައްޔާޒުއަށް އިތުބާރު ވޯޓް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ފުރިހަމަ އިތުބާރު މިނިސްޓަރަށް އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒު އަކީ މިސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒު އަށް އެބަ އޮތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒަށް ތާއީދު ކުރައްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވެސް ވަނީ އޭނާގެ ފުރިހަމަ އިތުބާރު މިނިސްޓަރަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ފައްޔާޒު އަކީ ނަތީޖާ ސައްތައިން ސައްތަ އަށް ދައްކަވަމުން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާއަށް އިތުބާރު އެބައޮތް ކަމަށް ވިސާމު ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަކީ ހީވާގި ބޭފުޅެއް ކަމަށާއި އޭނާގެ ފުރިހަމަ ތާއީދު ފައްޔާޒު އަށް އޮތް ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރާއި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއަށް އޭނާގެ އިތުބާރު އެބައޮތް ކަމަށެެވެ. އަދި އޭނާ ވަނީ ފައްޔާޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ފާހަގަކޮށް ޝުކުރު އަދާ ކުރައްވައިފައެވެ.
އޭގެ އިތުރުން ދާންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ ފައްޔާޒު އަށް ފުރިހަމައަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މިނިސްޓަރު ފައްޔާޒަކީ އެމްޑީޕީގެ ސީނިއާ ބޭފުޅެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ފައްޔާރު ބޭރުކުމުގެ މަސައްކަތް ކުރަނީ އެމްޑީޕީގެ ވައުދު ފުއްދުމުގައި އެ މިނިސްޓަރުގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭތީ ކަމަށް ބުނެފައި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ 43 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފައްޔާޒަކީ އިކޮނޮމިކް މިނިސްޓަރަށް ވެފައި އޭނާ ވަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށާއި މިނިމަމް ވޭޖް ކަނަޑައެޅުމަށް މަސަައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުމުގެ ސަބަބުންނާއި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑޫކިޔުން ވަނީ މިނިސްޓަރު ފައްޔާޒަށް އަމާޒުވެފައެވެ.