މައްޗަންގޯޅީ އާސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދު ބައިގައި ހުރި މަހާނަ ގާތައް ނަގަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ މާލޭ ސިޓީގައި މަރުވާ މީހުން ވަޅުލުމަށް ބޭނުން ކުރަމުންދާ އާސަހަރާގައި ޖާގަ ނެތުމުން، މީހުން ވަޅުލުމަށް ޖާގަ ހެދުމަށް ސަހަރާގެ ދެކުނު ބަޔާއި ދެކުނު ފަރާތު މެދު ބަޔަށް ވެލިއެޅުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވެލި އެޅުމުގެ މަސައްކަތް، ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު 15ގައި ކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. އެހެންކަމުން އެތަނުގައި ހުރި މަހާނަތަކުގެ ތެރެއިން މަހާނާގައި، މަހާނަގާ ޖަހާފައިވާ ފަރާތްތަކުން، ސެޕްޓެމްބަރު 15ގެ ކުރިން އެ ގާތަށް ނެގުމަށްފަހު، އެތަކެތި ގެންދިއުމަށް އެ ކައުންސިލުން އަންގައެވެ.

އަދި އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަ ގާތަށް މި އިދާރާގެ ފަރާތުން ނަގާ އެތަކެތި ނައްތާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އެކައުންސިލުން ބުނީ މަހާނަގާތަށް ނެގުމުގެ މަސައްކަތް ކުރަންވާނީ އެކަމާބެހޭ މާލެ ސިޓީ ކައުންސިލުގެ ސްޕަވައިޒަރާ ފޯނުން ގުޅުމަށްފަހު، ސްޕަވައިޒަރު އަންގާގޮތެއްގެ މަތިން ކަމަށެވެ. ސްޕަވައިޒަރާ ގުޅޭނެ ފޯނު ނަންބަރަކީ 7994565 އެވެ.

މީގެ ކުރިން އާސަހަރާގައި މީހުން ވަޅުލާނެ ޖާގަ ނެތިގެން މައްޔިތުން ވަޅުލުން ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ. ނަމަވެސް އަލުން އެތަނުގަ ޖާގަ ހެދުމަށް ފަހު އަލުން އާސަހަރާގައި މީހުން ވަޅުލަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުގައެވެ.