އަނެއްކާވެސް މާލެ ސިޓީ ލޮކްޑައުން ކުރަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ ރާއްޖޭގެ އުތުރާއި ދެކުނުގެ ބަނދަރުތަކުން އިގްތިސޯދީ ހަރަކާތްތަކާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރިފައި ނުވާ ސަރަހައްދުތަކުގައި އިގުތިސޯދީ ހަރަކާތްތައް ހިންގޭގޮތަށް ރާއްޖެ ހުޅުވާލަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާކުރުމަށް ފަހު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތެއް ފަހިކުރުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުން ވެސް އަމަލުކުރަން އަންނަ ފަދައިން ރާއްޖެއިން ވެސް ސިއްހީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް އިގްތިސޯދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ އާމްދަނީ ލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިސޯދީ ގޮތުން ހުޅުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ހުރިކަން ކަމާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީއާއި އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އާއި އެމްއެމްޕީއާރުސީން ކުރަމުންދާ ކަންތައްތައް އޮޅުން ފިލުވަން ހިމަނާފައި ވެއެވެ. މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި އާއި އެއަށްފަހު އެތަންތަނުން ކުރަމުންދާ މަސައްކަތްތައް ވެސް އޮޅުންފިލުވަން ހިމަނާފައި ވެއެވެ.