އެއްވެސް ލޯނެއްގެ މައުލޫމާތު މަޖިލީހަށް ނުލިބިގެން އެކަން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައި ނުވާކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ނާޝިޒް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދިވަޑައިގެން މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި ކުރި ބަހުސްގެ ތެރެއިންނެވެ.

ކުރީގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާކަމަށް ނަޝީދު ވިދާޅުވި ވާހަކަ ދޮގު ކުރައްވަމުން ނާޝިޒް ވިދާޅުވީ، މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެކަން ރިޔާސަތާއި ކަމާގުޅުން ހުރި ކޮމިޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އަދި އެއްވެސް ލޯނެއްގެ މައުލޫމާތު މަޖިލީހަށް ނުލިބިގެން އެކަން މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅައިފައި ނުވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ދަރަނި ސާފުކުރުމާ ބެހޭ ބަހުސް ކުރިއަށް ދިޔައިރު ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި ހިމަނާފައިވާ ގޮތަށް ލޯނުތަކާއި ގެރެންޓީތަކުގެ އަދަދު ދިމާ ނުވާ ކަމަށެވެ. އެގޮތުން މަޖިލީހަށް މައުލޫމާތު ލިބިފައި ނުވާ 3 ލޯނަކާއި 3 ގެރެންޓީއެއް ހިމެނޭކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މަޖިލީހަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކަކީ ބްރިޖުގެ މަސައްކަތަށް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ 455 މިލިއަން ޔުއާންގެ ލޯނާއި ސަނީ ސައިޑް ބޮންޑް ހޯލްޑާސް އިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނެވެ.

އަދި މަޖިލީހަށް ލިބިފައި ނުވާކަމަށް ނަޝީދު ވިދާޅުވާ ގެރެންޓީތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ސިލޯން ބޭންކުން ނެގި 16.1 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތާއި ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އޮސްޓާ ހޯލްޑިންގްސް އަށް ދޫކުރި 327.8 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތެވެ. އަދި ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީގެ މައުލޫމާތު ހިމެނެއެވެ.