ލ ގަމު ތުނޑިއާދިމާލަށް ދޯންޏެއް ބަންޑުންޖަހާލާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ލ ގަމު ތުނޑިއާ ދިމާލަށް ދޯންޏެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި މީހަކު ގެއްލުމާ ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިން ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

މި ހާދިސާ ހިންގަފައިވާ ކަމަށް އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު 3:00 ހާއިރު ކަމަށްވެސް ބުނެއެވެ.

ގެއްލިގެން އުޅެނީ ބިދޭސީއެއް ކަމަށާއި އެ ދޯނީގައި ޖުމްލަ 10 މީހަކު ތިބިކަމަށް ދޯނީގެ ކައްޕިއާ ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މިއީ މިއަދު ހިނގި ކަނޑުމަތީގެ ދެވަނަ ހާދިސާއެެވެ. މިއަދު 1:14 ހާއިރު ވަނީ ކ.ކޮށްދިޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ގޮސްފައެވެ.

އެ ލޯންޗުން 7 މީހަކު ދަތުރު ކޮށްފައި ވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުން ވަނީ ފިނޮޅަށް އަރައިފައެވެ. ލޯންޗު އަޑިއަށް ދިޔައީ ލޯންޗަށް ދިޔަ އަރައި ދިޔަ ކޮންޓްރޯލު ނުވެގެންނެވެ. ލޯންޗުުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހާއްސަގޮތެއްގައި މުދާ އުފުލާ އުޅަނދު ފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށަފައެވެ.

އަދި ލައިސަން ލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.