ކ.ކޮށްދޮޕަރު ކައިރީގައި އޮތް ފިނޮޅަކަށް ދަތުރު ދިޔަ ލޯންޗެއް އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮއްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔަ ލޯންޗެއް އަޑިއަށް ދިއުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑް ސަދާން އިން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާ ރޮޕޯޓް ކޮށްފައި ވަނީ މިއަދު 1:14 ހާއިރު ކަމަށްވެސް އެމްއެންޑިއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗުގައި ހަތް މީހުން ތިބި ކަމަށާއި ލޯންޗު ބަންޑުން ޖަހަލި އިރު އޭގައި ތިބި އެންމެންވެސް ސަލާމަތްވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ތިބި މީހުން ވަނީ ފިނޮޅަށް އަރައިފައެވެ. ލޯންޗު އަޑިއަށް ދިޔައީ ލޯންޗަށް ދިޔަ އަރައި ދިޔަ ކޮންޓްރޯލު ނުވެގެންނެވެ.ލޯންޗުުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށްވެސް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހާއްސަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވައިދު ތަކަށް އަމަލްކުރުމަށެވެސް ވަނީ އިލްތިމާސް ކޮށަފައެވެ.

އަދި ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.