ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު ފުރުވާލައިފިއެވެ.

މޯލްޑިއަން އިން ބުނީ ބަންގްލަދޭޝްގެ 200 މީހުން މިއަދު އެ އެއާލައިންގެ ފްލައިޓަކުން ފުރާފައިވާ ކަމަށެވެ. އަދި އެ ފްލައިޓަކީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ދާ ފްލައިޓެއް ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ގައުމަށް މި ވަނީ ފޮނުވާލާފައެވެ. އޭގެ އިތުރުން އެކި ގައުމު ތަކުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންވެސް ވަނީ އެމިޙުންގެ ގައުމަށް އަނބުރާ ފޮނުވާލާފައެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4805 މީހަކު މިވަނީ ފޮނުވާލާފައެވެ. އަދި ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބަންގްލަދޭޝްގެ މީހުންނެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަނަވަރެއްގައި އަދި އެ ގައުމުގެ ގައުމީ އެއާލައިންގެ ފްލައިޓްތަކުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހާހެއްހާ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އެ ގައުމަށް ފޮނުވާލާފައި ވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދާދި ފަހުން ވަނީ މިއަހަރުތެރޭގައި 20،000 ބިދޭސީން ރާއްޖެއިން ފޮނުވާލެވޭނެ ކަމަށް ވިދާޅުވެފައެވެ.