ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ވެއްޓި 74 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އުމުރުން 74 އަހަރުގެ އެ ފިރިހެންމީހާ ވެއްޓުނު ކަމުގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 2:36 ގައި ކަމަށާއި އެ މީހާ ވެއްޓިފައި ވަނީ ހ. ވައިލެޓް މަގުގައި ހުންނަ ގެއެެއްގެ ހަ ވަނަ ފްލޯއިން ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ލިބިފައި ނުވާއިރު މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

މާލޭގެ ގެ އަކުން ވެއްޓި މީހަކު މަރުވެފައި ވާއިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހުވެސް ވަނީ ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓުނު މީހަކު މަރުވެފައެވެ. އަދި އަދި މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ސ. ހިތަދޫގައި ހުރި ފްލެޓެއްގެ 3 ވަނަ ފަންގިފިލާއިން 2 އަހަރުގެ ކުޑަ ކުއްޖަކު ވެއްޓިފައެވެ.

މިދިއަ ދެ ތިން އަހަރު ދުވަހުގެ ތެރޭގައި މާލޭ އާއި ހުޅުމާލޭގައި ހަދަމުންދާ އިމާރާތްތަކުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް ބިދޭސީ މަސައްކަތްތެރިންގެ މީހުން ވެއްޓި މަރުވާ ހާދިސާތަކާއި ޒަހަމްވާ ހާދިސާތައް ވަނީ ގިނަވެފައެވެ. އަދި އިމާރާތް ކުރުމުގެ ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން މަސައްކަތުގެ ތެރޭގައި ހިނގާ އެކްސިޑެންޓްތައް ވެސް ގިނަވެފައި ވެއެވެ.

އެގޮތުން މިދިޔަ އަހަރު އޮކްޓޫބަރު މަހު ވަނީ މާލޭގައި ހަދަމުންދިޔ އިމާރާތަކުން މީހަކު ވެއްޓި މަރުވެފައެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވަނީ ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި މޭ ކަށިތައް ބިނދައިގެންގޮސް ފަރުވާ ދީފައެވެ.