ވާރޭވެހުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ފަޅުތެރެއަށް ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުޅުދުއްފުށީ ފަޅުތެރޭގައި އަޅާފައި އޮތް 17 ފޫޓުގެ ފަރުމާ ނަމަކަށް ކިޔާ ލޯންޗެއް ވާރޭވެހި އަޑިއަށް ދިޔަ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޯތަން އޭރިއާގެ ސިފައިން ކުރި މަސައްކަތުން އެ ލޯންޗު މިއަދު 8:00 ހާއިރު ފެން މައްޗަށް ނަގާފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 6:23 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ވިއްސާރަ ކުރަމުންދާއިރު މިއަދު ވަނީ ތ. އަތޮޅުން އދ. އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. މެޓް އޮފީހުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވަނީ މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ގައުމީ އިދާރާއިން، މާލެއިން ފެށިގެން އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ވެސް ކޮށްފައެވެ.